ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތި ދޮގާއި ފިތުނަ އުފައްދާ ވެބްސައިޓުތައް ބަންދު ކުރަން ޖެހޭ ކަމަށް ޝެއިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ މި ސަރުކާރާއި ދެކޮޅަށް ލިޔުންތައް ޝާއިޢު ކުރަމުން އައި، ކުރުސީ.ކޮމް އާއި، ދިޔަވަރު.ކޮމް ރޭގެ ވަގުތެއްގައި ބަންދު ކުރުމާއި ގުޅިގެންނެވެ. އެ ދެ ވެބްސައިޓު ހިންގަމުން އަންނަނީ ރަޖިސްޓަރ ނުކޮށެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ޝަފީއު ވަނީ، ރަޖިސްޓްރީކުރުމެއް ވެސް ނެތި، ޒިންމާދާރުކުރެވޭނޭ ގޮތެއް ވެސް ނެތި، ދޮގާއި ފިތުނަ އުފައްދާން ހިންގާ ވެބްސައިޓުތައް ބަންދުކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

”ދީނީ ނަޒަރަކުން ބެލިޔަސް އެއީ ބަންދުކުރާން ޖެހޭ އެއްޗެއްސެވެ.“ އޭނާ ލިޔުއްވިއެވެ.

މިކަމާ ގުޅޭގޮތުން ރައީީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު މިއަދު ވިދާޅުވީ ރަޖިސްޓްރީކޮށްގެން އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ހިންގުމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.