ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭނެ ކަމަށް ބުނެ، ބައެއް ނޫސްތައް ބްލޮކް ކުރުން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިހެން ބުނީ، ސަރުކާރަށް ފާޑުކިޔަމުން އައި ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ބްލޮކް ކުރުމާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.
އެ ބަޔާނުގައި ބުނީ ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭނެ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާއި ދެކޮޅަށް އިންތިޒާމުވެވިގެން ދޮގު ޚަބަރު ފަތުރަމުން ދިޔައިރުވެސް މީޑިއާތަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ.
ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން އަބަދުމެ ވަކާލާތުކުރާ މަގެއް ކަމަށާއި އެއީ ދިވެހި އެތަކެއް ރައްޔިތުން ގުރުބާން ވެގެން ހޯދި ހައްގުތަކެއްކަން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެއް ކަމަށްވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްޤުތައް ވަކީން ޚާއްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރު ކޮށްދީފައިވާނެ ކަމަށްވެސް އެ ޕާޓީން ހާމަކުރެއެވެ.
މީގެ އިތުރުން ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކް ކުރުން ކުށްވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ނުކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
