ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ 24 ގަޑިއިރު މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި، ސަރުކާރުގެ އިސްވެރިން އަބަދު އުޅުއްވަނީ މަސައްކަތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީީސް މުޢިއްޒުގެ އިރުޝާދުފުޅާއިއެކުގައި، ސަރުކާރުގެ އިސް ވެރީން އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި، ހއ.އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވަނީ ރައީސް މުޢިއްޒުގެ މުރާލިކަމުގެ ސިފަފުޅަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފައެވެ.
”ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަކީ ކަންނެތް ސަރުކާރަކަށް ނުވާނެ، ރައްޔިތުންނާ ދުރު ސަރުކާރަކަށް ނުވާނެ، ޢަމަލީ ގޮތުން ކަންކަން ތަންފީޒުކޮށްގެން، ކަންކަން ކުރިއަށްދާ ސަރުކާރެއް ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ. އަޅުގަނޑު ހަމަ ތެދަށް މި ދަންނަވަނީ، އަޅުގަނޑަށް ފެނުނު އެންމެ މުރާލި އެކަކީ، އެއްބޭފުޅަކީ ޑރ.މުޢިއްޒުއޭ ދެންނެވުން ނުވާނެ ކުށަކަށް.“ ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރައީީސް އޮފީހާއި ކުންފުނިތައް ވެސް، ރެއާއި ދުވާލު އުޅެނީ އަވަދިނެތި މަސައްކަތުގައި ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ވަރަށް ހީވާގިކަމާއިއެކު، ރެއާއި ދުވާލު މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ތަރައްޤީ ޙާސިލުކޮށް، ނަތީޖާ ނެރެދިނުމަށް ކަމަށް ވިދާޅުވެފައެވެ.
