ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާ ބަލި ޖެހިފައިވާ މީހަކު ހުޅުމާލެއިންވެސް ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ޑިސެމްބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާގައި ޓެސްޓްކުރި 13 ބިދޭސީންކުރެ އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަނެއް 12 ބިދޭސީން ނެގެޓިވްވެފައިވާއިރު، ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވެވެފައިވަނީ ކޮން ޤައުމެއްގެ މީހެއް ކަމެއް އެޗްޕީއޭއިން އަދި ހާމަކޮށްފައިނުވެއެވެ. ނަމަވެސް ކުޅުދުއްފުށިން ޕޮޒިޓިވްވީ 25 މީހުންނަކީވެސް އިންޑިއާށް ނިސްބާތްވާ މީހުންނެވެ.
ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވިއިރު، ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ 14 ޑިސެމްބަރު 2023 ގައެވެ.
އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ފެށިއެވެ.
އެ ސްކްރީނިންގެ ތެރެއިން އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވިކަން 18 ޑިސެމްބަރު 2023 ގައި އެނގުނެވެ.
