ރަޙްމަތްތެރިންނާއިއެކުގައި އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ސ.މަރަދޫ، ކުރެދުމާގެ، މުޙައްމަދު ނައީޝް ހޯދުމަށް އެމްއެންޑީއެފުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބެލިފައިވާ ކަމަށެވެ.

އުމުރުން 18 އަހަރުގެ ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ.

ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މީގެ ކުރިން ރާއްޖޭގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓެވެ. ނަމަވެސް މިފަހަރު ބޭނުން ކުރަމުންދަނީ، އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެކެވެ.