ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އިން، މަޝްރޫޢުތައް ހިންގަމުން އައި ރަށްތަކުގެ ތެރެއިން 17 ރަށެއްގައި މަޑުޖެހިފައިވާ މަޝްރޫޢުތައް އެ ކުންފުނިން ފަށައިފިއެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނީ، ތިން ޒޯނަކަށް ބަހާލައިގެން އާރްޑީސީއިން ކުރަމުންދިޔަ މަސައްކަތްތައް ދުވަސްކޮޅެއްގެ މަޑުޖެހުމަކަށްފަހު އަލުން ފަށައިފި ކަމަށެވެ.
އާރްޑީސީ އިން ކަނޑައަޅާފައިވާ އުތުރު ޒޯންގައި ފަށާފައިވަނީ ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.މިލަންދޫ އަދި ރ.ހުޅުދުއްފާރުގައި ނުނިމި ހުރި މަސައްކަތެވެ. މެދު ޒޯނުގައި ފަށާފައިވަނީ ނ. އަތޮޅު ހޮޅުދޫ އަދި ވެލިދޫގައި ހިންގަމުންގެންދާ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތަކާއި ޅ.ހިންނަވަރު، މ.މުލައް، އދ.މާމިގިލި، ދ.ކުޑަހުވަދޫ އަދި މާލެސިޓީގެ އަމީނީމަގުގެ ނުނިމި ހުރި މަސައްކަތެވެ.
އަދި ދެކުނުގައި މަސައްކަތް އަލުން ފަށާފައިވަނީ ތ.ތިމަރަފުއްޓާއި ލ.ގަން، ގއ.ކޮލަމާފުށި، ގއ.ވިލިނގިލި ފޭސް 2، ގދ.ތިނަދޫ ފޭސް 2 އަދި ގދ.ގައްދޫގެ މަގުހެދުމުގެ ނުނިމިހުރި މަސައްކަތެވެ.
ށ. މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރޯޝަނީމަގުގައި ކީވޯލް ޝަޓަރިންގ ގެ މަސައްކަތާއި ކީވޯލް އެޖެސްޓް ކުރުމުގެ މަސައްކަތުގެ އިތުރުން މަގު ބައްތި ޖެހުމާއި ދުވާރުގެ މަސައްކަތްތައް އަންނަނީ ކުރަމުން.#TeamRDC pic.twitter.com/kI3EFRQcRv
— Road Development Corporation Ltd (@rdcmaldives) December 20, 2023
އާރްޑީސީން ރަށްރަށުގައި ކުރިއަށް ގެންދަނީ، ޒަމާނީ ފެންވަރުގައި މަގުތައް ހެދުމުގެ މަޝްރޫޢުތަކެވެ. މިފަދަ މަޝްރޫޢުތަކުގެ އަދާހަމަ، އެކުންފުނީގެ އެކްސް އެކައުންޓުން ގެންދަނީ ހިއްސާ ކުރަމުންނެވެ.
