ދިވެހީން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައަޅަން ސަރުކާރުން ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ރޭ ބޭއްވި ކޮންސްޓްރަކްޝަން އެވޯޑު ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ރައީސް ވިދާޅުވީ ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ގިނަ ދާއިރާތަކެއް ކަނޑައަޅާފައިވާ ކަމަށާއި، މިކަން ކުރުމަށް ރާވާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ފަހުން އިމާރާތްކުރުމުގެ ދާއިރާގައި ހިމެނޭ ބިލްޑިން އިންސްޕެކްޓަރުންގެ ދާއިރާ އާއި ސައިޓް ސުޕަވައިޒަރުންގެ ދާއިރާ އަދި ސާވެޔަރުންގެ ދާއިރާގައި މަސައްކަތް ކުރާނީ ހަމައެކަނި ދިވެހީން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އިމާރާތްކުރުމުގެ ދާއިރާއަކީ ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިނިޔަރުންނާއި އާކިޓެކްޓުން ފަދަ ދާއިރާތައް ވެސް ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް ވެގެންދާނެ ކަމަށެވެ.
އޭގެ ބޭނުމަކީ ދިވެހިވަންތަކަން ހުރިހައި ކަމެއްގެ ތެރެއަށް ގެނައުމާއި ދިވެހިންގެ އަތްމައްޗަށް ހުރިހާ ކަމެއް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދިވެހިން މަސައްކަތް ކުރާނެ ވަކި ދާއިރާތަކެއް ކަނޑައެޅުމުން ދިވެހިންނަށް މިހާރަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.
