އަންނަ އަހަރުގެ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހު، ރާއްޖެއަށް އެއާ އެމްބިއުލާންސް ތަޢާރަފު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރައްވައި، ނިންމަވައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިކަމަކާ ގުޅޭ ކަރުދާސް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕްލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވީ، މިކަމަށް ދެ އެއާ އެމްބިއުލާންސް ބޭނުން ކުރާނެ ކަމަށެވެ.

”އެގޮތުން ދެ އެއާ އެމްބިއުލާންސެއް ތައްޔާރުކޮށް އެއާ މޯލްޑިވްސްއާއި ގުޅިގެން، މި ޚިދުމަތް، އަޅުގަނޑު ކުރިން ދެންނެވިހެން، މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ލިބޭނެ އިންތިޒާމް މިނިސްޓްރީ އޮފް ހެލްތާއި އެއާ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔުމަށް.“ ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވައިފައިވާ ކަމެކެވެ. މިކަން ވަނީ ”ހަފްތާ14“ މަގު ޗާޓުގައި ވެސް ހިމަނުއްވައިފައެވެ.