ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ”ވޯކް އެންޑް ޓޯކް” ހަރަކާތެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންގޮސްފިއެވެ.

މާލެ ސަރަހައްދު ހިމެނޭހެން، ފުލުހުން ގާއިމުވެ ޚިދުމަތް ދެމުންދާ ހުރިހާ ރަށެއްގައި މި ހަރަކާތް ކުރިއަށްގެންގޮސްފައި މިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

މި ހަރަކާތުގައި ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށާއި ކުށް މަދު އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، މިދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަށް ވުމާއެކު ޗުއްޓީއަށް ފުރައިގެން ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ކަނޑުދަތުރުފަތުރު ކުރުމާ އަދި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ކަންކަން ބުނެދީފައިވެއެވެ.

އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތް އޮޅުންފިލުވައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށްފައިވެއެވެ.

މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.