ފިޝަރީޒް ކޮލެޖް ޤާއިމް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސްއިން ޤައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އަޙްމަދު ޝިޔާމްއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުކަމުގައިވާއިރު އެ ސިނާއަތުގެ ތައުލީމު ދެވޭނެ ހަރުދަނީ ޒަމާނީ ނިޒާމެއް ގާއިމްވެފައި އޮތުމަކީ އެ ސިނާއަތް ކުރިއެރުވުމަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
އޢި ސަރުކާރާއެކު މަސައްކަތް ފެށިއިރު ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އައު ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެއް ވާޖިބަކަށްވެގެން ދިޔައީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކުރާ ގޮތުގެ މަތިން މަސްވެރިކަމާއި ގުޅޭ ތަމްރީނު ދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ގައުމީ ޔުނިވާސިޓީއަކީ ފިޝަރީޒް މިނިސްޓްރީއާއެކު މިކަން ކުރުމުގެ އެންމެ ތަޖުރިބާ އަދި ގާބިލްކަން ހުރި ފަރާތް ކަމަށެވެ. އެގޮތުން ޤައުމީ ޔުނިވާސިޓީގައި ވަސީލަތްތަކާއި ފަންނީ ބޭފުޅުން ތިބިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ސިނާއަތުގައި ގިނަ އަދަދެއްގެ ވަޒީފާ ހުރި ނަމަވެސް ނިޒާމުގެ ތެރެއިން ތައްޔާރު ކުރެވިފައިވާ ދިވެހިން މަދުކަން ފާހަގަ ކުރެވޭ ކަމަށާއި މިވަގުތު ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ފެކްޓްރީތަކުގައި ވެސް ދިވެހިންނަށް އަދާ ކުރެވޭ ފަދަ ވަޒީފާތަކުގައި ބިދޭސީއިން މަސައްކަތް ކުރާތަން ފެންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.
