އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ޗިކުންގުންޔާ ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭން މިއަދު އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން އެންމެ ގިނައިން މި ބަލީގެ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އެގޮތުން މާލެ ސަރަހައްދުން ޗިކުންގުންޔާގެ 130 ކޭސްއެއް ވަނީ ފެނިފައެވެ.
މާލެއިން ވަނީ ޗިކުންގުންޔާގެ 96 ކޭސް ފެނިފައިވާއިރު، ހުޅުމާލެއިން ވަނީ އެ ބަލީގެ 34 ކޭސްއެއް ފެނިފައެވެ. އަދި ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުން ވެސް މި ބަލި ވަނީ ފެނިފައެވެ.
ޗިކުންގުންޔާ އިން ރައްކާތެރިވުމަށްޓަކައި، އެންމެ މުހިންމީ މި ބަލި ޖައްސާ މަދިރިން ރައްކާތެރިވުމެވެ.
އެގޮތުން މަދިރިން ސަލާމަތްވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމާއި، މަދިރި އަލާ ނުވާނެ ފަދަ ގޮތަކަށް ގޭތެރޭގައި ފެން ހަރުލިޔަ ނުދޭން އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
