މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު، ރާއްޖެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަަމަށާއި، ”އިންޑިއާ އައުޓް“ ކެމްޕެއިނަކީ އިދިކޮޅު ފަރާތްތަކުން އެންމެ ”ކުރިއަށް“ ލައިގެން ހިންގަން ޖެހޭ ހަރަކާތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމަށް އިދިކޮޅު ފަރާތްތަކުން ހިންގަމުން އަންނަ ”އިންޑިއާ އައުޓް“ ކެމްޕެއިނުގައި ގޮވާލަމުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާއި ދިވެހި ސަރުކާރާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރުމަށެވެ.

ސަންގު ޓީވީގެ ”ޚަބަަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ ހުރިހާ އެއްބަސްވުމެއް އަދި ތަންފީޒު ކުރަމުން ނުދާ ކަަމަށެވެ.

ނަމަވެސް އެ އެއްބަސްވުންތައް ތަންފީޒު ވެގެންދާއިރު، ދިވެހީން ވެގެންދާނީ، އަމިއްލަ ގައުމުގައި، ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”ދިވެހި ރައްޔިތުންނަށް މި ގައުމުގައި މިނިވަންކަން އިހްސާސް ނުކުރެވޭ ވަރަށް ކަންތައްތައް ދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެއްވެސް ސަރުކާރަކަށް ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރެވޭނީ، ދިވެހި ގައުމު، ގައުމެއްގެ ގޮތުގައި އޮވެގެން ކަމަށެވެ. އެގޮތުން ގައުމު ނެތި އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން ގިނަ އަދަދެއްގެ ލޯނު ނެގި ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދައްކަމުން ދިޔައިރު، މި ސަރުކާރުން އިންޑިއާއިން 2.7 ބލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާ ކަމަށެވެ.

ޝިޔާމް ވަނީ އެހާ ގިނަ އަދަދެއްގެ ފައިސާ، ދަރަނީގެ ގޮތުގައި ނަގައިގެން ކުރީ ކޮންކަމެއްތޯވެސް ސުވާލު އުފައްދަވައިފައެވެ.