ފެލިވަރުން ”އުއްދަނަ“ ނަމުގައި ޅ.އަތޮޅު މަދަރުސާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް މުހިންމު ޕްރޮގްރާމެއް ފަށައިފިއެވެ.

މިފްކޯ އިން މީޑިއާތަކަށް މައުލޫމާތުދޭ ގޮތުގައި، މިޕްރޮގްރާމަކީ އެ އަތޮޅު މަދްރަސާތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރިކަމަށް ޝައުގުވެރިކުރުމަށާއި، މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމާއި، ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޅ.އަތޮޅު ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުން އަދި ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުން، ޖުމްލަ 30 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ފެލިވަރުގެ އުއްދަނަ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ/ މިފްކޯ

 

މި ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް ވަނީ އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް ފުރުސަތު ދެވިފައިވެއެވެ.

 

އަދި އެ ދަރިވަރަކު އިހުތިޔާރުކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާއިގުޅޭ ޓެކްނިކަލް މުވައްޒަފުންގެ ފަރާތުން ދިނުމާއި، މަސައްކަތުގައި އަމަލީގޮތުން ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބިގެން ދާނެއެވެ.

 

މި ހާއްސަ ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކު، އޮޓޯ މެކޭނިކު، ރެފްރިޖެރޭޝަން މެކޭނިކު، ކޭޝިއަރ، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުންސިން އެންޑް ލޯންޑަރީ، އެގްރިކަލްޗަރ އެންޑް ފާމިންގ ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރެވިގެންދާނެއެވެ.

ފެލިވަރުގެ އުއްދަނަ ޕްރޮގްރާމްގެ ތެރެއިން

 

ފެލިވަރުގެ އަމާޒަކީ މިޕްރޮގްރާމް ފުޅާކޮށް، މެދު ނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް މި ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް މިފްކޯ އިން ބުނެއެވެ.