މަތީ ތައުލީމަށް ކިޔަވާ ދަރިވަރުން ހަދާ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމައިފިއެވެ.

މަތީ ތައުލީމަށް ކިޔަވާ ދަރިވަރުން ކޯސްތަކުން ފާސްވެ، އެކުދިންގެ ފެންވަރު ކަނޑައަޅަނީ ގިނަފަހަރަށް ހަދާ އެސައިމަންޓްތަކުންނެވެ.
އެގޮތުން ބައެއް ކޮލެޖް ޔުނިވަސިޓީތަކުން ކުއްޖާ ކޯހުން ފާސްވުމަށް ޓަކައި 70 އިންސައްތަ މާކުސް ދެވިގެން ދަނީ ވެސް ހަދާ އެސައިމަންޓްތަކުންނެވެ.
އަނެއްބައި ކޯސްތަކުން ފާސްވުމަށް ޓަކައި 100 އިންސައްތަ މާކުސް ވެސް ހަމައެކަނި އެސައިމަންޓްތަކުން ނަގައެވެ.

އެގޮތުން އެހެން މީހަކު ލައްވާ އެސައިމަންޓް ހެދުމާއި އެސައިމަންޓު ނިންމުމަށް އެހީތެރިވެދޭ ބައެއް ޕޭޖުތަކާއި ވެބްސައިތްތައް ބޭނުންކޮށްގެން ވެސް އެސައިމަންޓްތައް ހަދާ މައްސަލަތައް ވަރަށް ގިނައެވެ.

އެކަމަށް ހައްލެއް ހޯދައި، ކޯސް ފުރިހަމަ ކުރާ ދަރިވަރުންގެ ފެންވަރު ކަށަވަރުކުރުމަށް ޓަކައި އެމްކިއުއޭއިން ނިންމީ، އެ ކޯހަކުން ފާސްވުމަށް ޓަކައި އިމްތިހާނުތަކުގައި ބައިވެރިވެ، 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް ބަދަލުގެނައުމަށެވެ.

އެ ނިންމުން އެމްކިއުއޭއިން މިހާރު ނިންމާފައިވާއިރު ވަރަށް އަވަހަށް އެ ބަދަލު ގެނެސް އެގޮތަށް އަމަލުކުރަން ފެށޭނެ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.

އެ ނިންމުން ނިންމާފައި ވަނީ މަތީ ތައުލީމާ ބެހޭ މަރުކަޒުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށްފަހުއެވެ.

އެހެންމީހުން ލައްވާ އެސައިމަންޓުތައް ހަދަނީ އާންމުކޮށް އަގު ދީގެންނެވެ.