މި އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ނިންމި ނަމަވެސް އެ ބަޖެޓްގެ އަދަދެއް އަދި ކަނޑަނާޅާ ކަމަށެވެ.
ސަޕްލިމަންޓް ބަޖެޓުގެ ގޮތުގައި ފަސް ބިލިއަނެއްހާ ރުފިޔާ ހުށަހަޅަންޖެހޭނެކަމަށް ލަފާކުރެއްވޭ ކަމަށާއި، އެކަމަކު ސީދާ އަދަދެއް ނިންމާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅޭ ގޮތުން ކެބިނެޓުގެ ކުރައްވާ މަޝްވަރާ އަށް ފަހުގައި ކަމަށް ޒަމީރު ވިދާޅުވިއެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.

އެމްޑީޕީގެ ވެރިކަމުގެ ފަހު އަހަރު ވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅިއެވެ. އެ ފަހަރު ފާސްކުރީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.

ކުރީ ސަރުކާރުން ހަރަދުތައް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަން ބޭރުން ދިން ފައިސާގެ ތެރެއިން ދެ ބިލިއަނެއްހާ ރުފިޔާ ނިމުނު އަހަރު ރެކޯޑުކޮށްފައި ނެތުމުން އެކަމުގައި އިހުމާލުވާ މީހުންނާ ދެކޮޅަށް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.