މާލޭގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިސްކިތް ބިނާ ކުރުމަށް ނިންމާފައިވަނީ މާފަންނު ބޮޑުގެ ބިމުގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ކަމަށެވެ. އެމަސައްކަތް ހަވާލު ކުރާނީ ސްޕޮންސަރ ކުރާ އަމިއްލަ ބަޔަކަށް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ މިސްކިތް އެޅިގެންދާނީ ޤުރުއާން ކްލާސްތަކާއި ލައިބްރަރީ ވެސް ހިމެނޭހެން ކަމަށެވެ.

އަމިއްލަ ފަރާތްތަކަށް އެ މީހުންގެ އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ވެސް ސަރުކާރުން ހުއްދަ ދީފައިވެއެވެ.

މި ހުއްދައިގެ ދަށުން ތަރައްގީ ކުރަމުންދާ ނުވަ މިސްކިތް ދެ އަހަަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.