މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެ އޮތޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލް އެންފޯސްމެންޓް ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ. އެއީ އަމީޒާގެ އިތުރުން މިހާރުވެސް އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ނަމެވެ.
އެ މައްސަލަ އިގްތިސޯދީ ކޮމިޓީން ދިރާސްކޮށްފައިވާއިރު އެ ކޮމިޓީގެ މުގައްރިރު, ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާފައެވެ.
އެ ރިޕޯޓު ހުށަހަޅުއްވަމުން ފަޒާދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެ މަގާމަށް ވަރަށް ގާބިލު, އިލްމީ ތަޖުރިބާހުރި ބޭފުޅުން ކަމަށެވެ.

