ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ހާއްސަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ އޮތް ރަސްމީ އިހުތިފާލުގައި، ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ހިދުމަތެއް ނޫން ކަމަށާއި، ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ރާއްޖޭގެ އަދުގެ ހާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ހާއްސަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިކަން ހަގީގަތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި ހަލުވި ދުވެލީގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމާ، ފުރިހަމަ ކުރެވެމުންދާކަމަށެވެ.

ކެންސަރ ހޮސްޕިޓަލުގެ އިތުރުން، ދިވެހިރާއްޖޭގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެންމެ ނުތަނަވަސްވެފައިވާ ނަފުސާނީ ބަލީގެ ކަންކަމުގެ ފަރުވާއަށް ލ.ގަމުގައި ހޮސްޕިޓަލު ތަރައްގީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމަވާފައިވާކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރާ ބަޔަކުނަމަ ކުރަންޖެހޭނެ ކަންކަމަކީ މިފަދަ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްގީކޮށް، މި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ހިދުމަތްދޭން ފެށޭނެކަންވެސް ފާހަގަކުރައްވާފައެވެ.

 

‎