ބައެއް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި ބައެއް މެންބަރުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބް ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަލީ ނަޝާތު އާއި އެކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 17 ހ. އަދި ށ އާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކޮމިޓީއަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ސީއެސްސީގެ ރައީސް ނާސިހުއާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް  ފޮނުއްވި ސިޓީގައި ބުނެފައިވަނީ ނާސިހު، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި ކޮމިޝަންގެ މެންބަރުކަމުގެ މަގާމާއި އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އަލީ ނަޝާތު އާއި ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފްއަށް ކުރަނީ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކެއް ކޮށްފައިވާކަމުގެ ތުހުމަތެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަލީ ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޮކްޓޫބަރު 22 ގައި ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި ކޮމިޝަންތަކުން މެންބަރުން ވަކިކުރުމަށް އެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރުމަށް ފެންނަ ކަމަށް މިމަހުގެ ހަވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.