މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ)ގެ ވެރިކަމުގައި ވެސް ރާއްޖޭގައި ”ބޮޑީބިލްޑިން“ މުބާރާތެއް ބާއްވާފައިވާނެ ކަމަށާއި، އެ މުބާރާތުގައި ”އެހައި އޮރިޔާން ނުވާ ކަމަށް“ ކުރީގެ ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ”ފުދިއްޖެ، ފުނޑިއްޖެ“ މި ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރިސޯޓެއްގައި މި މަހު ބޭއްވި ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ނިވާކަންކުޑަ ހެދުމުގައި ބަޔަކު ތިބި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުން ވެސް މިފަދަ މުބާރާތް ބޭއްވި ކަމަށާއި، ނަމަވެސް ”އެހައި އޮރިޔާމެއް ނުވާ“ ކަމަށެވެ.
”ބަލަ އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް ރާއްޖޭގައި ބޮޑީބިލްޑިން މުބާރާތް ބޭއްވީމޭ، އެކަމަކު އެހާ އޮރިޔާމެއް ނުވޭ.“ ރޭގެ ޖަލްސާގައި ސޯލިހު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވީ މި މައްސަލައިގައި ބޮޑީބިލްޑިން އެސޯސިއޭޝަން ލައްވައި މައާފަށް އެދުނުއިރު، މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވެސް، މުބާރާތާ ގުޅުވައިގެން އެއްޗެއް ވިދާޅުނުވާ ކަމަށެވެ. އަދި ޔޫތު މިނިސްޓަރާއި ސްޕޯޓްސް މިނިސްޓަރު ކޮބައިތޯ ވެސް ސުވާލު ކުރެއްވިއެވެ.
ސޯލިހު މިހެން ވިދާޅުވިއިރު، ނިވާކަން ކުޑަކޮށް ބޮޑީބިލްޑިން މުބާރާތް ބޭއްވުމާ ދެކޮޅަށް އިސްލާމިކް މިނިސްޓަރު ޝަހީމް ބަސް ވިދާޅުވިކަން ފާހަގަކޮށްލެވެއެވެ.
އަދި އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރުގައި، ކ.މާފުށީގައި ބޮޑީބިލްޑިން މުބާރާތް ބޭއްވުން ރައީސް ސޯލިހު ދިފާއު ކުރެއްވިއިރު، އެ މުބާރާތުގައި ވެސް ބައިވެރިން އައުރަ ނިވާ ނުކޮށް ތިބިކަން ފާހަގަކުރެވެއެވެ.

