މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އިސްނެގުމުގެ ދަށުން، ތިލަމާލެ ބްރިޖް މަޝްރޫޢުގެ ކޮންސަލްޓަންޓް ކަމުގައިވާ އަރުޕް އިން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރުންނަށް ބްރިޖް މަޝްރޫއުގެ އިންޖިނިއަރިންގ މަސައްކަތްތަކާއި ބެހޭ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަންގައި، މާލެ-ތިލަފުށި ބްރިޖް އިމާރާތްކުރުމުގައި ބޭނުންކުރާ އިންޖިނިއަރިންގ އުސޫލުތަކާއި ބެހޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ބްރިޖް އިމާރާތްކުރަމުންދާ ސަރަޙައްދަށް ޒިޔާރަތްކޮށް، މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލުމުގެ ފުރުސަތު ވެސް ދީފައިވެއެވެ.
މި ސެޝަނަކީ، ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޒިޔާރަތްތަކުގެ ތެރެއިން އެއް ޒިޔާރަތެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ، ގައުމުގެ މުސްތަގްބަލް އާރާސްތުކުރާ ޒުވާން ޖީލުގެ މެދުގައި އިންޖިނިއަރިންގ އާއި އިންފްރާސްޓްރަކްޗަރ ދާއިރާއާ މެދު ޝައުޤުވެރިކަން އުފެއްދުމާއި، މި ދާއިރާތަކުގެ ވަޒީފާތަކަށް ޝައުގުވެރިކުރުވުމެވެ.
މިފަދަ ޕްރޮގްރާމްތަކުން ދިވެހި ޒުވާނުންނަށް އިންޖިނިއަރިންގ ދާއިރާއާ ބެހޭ މައުލޫމާތު ލިބި، މުސްތަގްބަލުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ބާރުއެޅިގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

