ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރުން ވަކި މިންވަރެއް އެމްއެމްއޭއަށް މާރުކުރަން ޖެހޭގޮތަށް ނިންމި ނިންމުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ތާއީދު ކުރައްވައިފިއެވެ.
ޓޫރިޒަމް ދާއިރާއިން ފަތުރުވެރިންގެ އަތުން ބޮލަކަށް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރަން ޖެހޭގޮތަށް ސަރުކާރުން ވަނު ގަވާއިދެއް ހަދައިފައެވެ.
މިކަމާ ބައެއް ވިޔަފާރިވެރިން ދެކޮޅު ހަދަމުން އަންނައިރު، އިއްޔެ ފޭސްބޫކްގައި ވިދާޅުވީ، އޭނާއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒާއި ދެކޮޅު ނުވަތަ އެއްކޮޅު މީހެއް ވެސް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އޭނާ ހިތްހަމަ ނުޖެހޭ ކަންތައްތަކާއި ރަނގަޅު ކަންތައްތައްވެސް ކުރަމުންދާ ކަމަށެވެ.
އަދި ޑޮލަރު މާރު ކުރަން ޖެހޭ ގޮތް ހެދުމަކީ ގާނޫނު ހަދައިގެން ވެސް ކުރަންޖެހިފައި އޮތްކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ހުރިހައި ޑޮލަރެއް ބޭންކަށް މާރުކޮށްފައި، 100 މިލިއަނުން މަތީގެ ފައިދާއިން %35 ޓެކްސް ނަގަންފަށަނިކޮށް، މިރާއްޖެ އިސާހިތަކު ދަރަނި ފިލައި، ރައްޔިތުން ތަނަވަސް ވެދާނެ ކަމަށެވެ.
އެ ގަވާއިދަށް އަމަލު ނުކުރާން ވިޔަފާރިވެރިން ގޮވާލި ނަމަވެސް، ރައީސް މުއިއްޒު ރޭ ވަނީ އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

