ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، ބަހުސް ކުރިއަށް ގެންގޮސް ނިންމާލާފައެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން މި ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު، މި ބިލު ބަލައިގަތުމާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

