ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި، ރާއްޖޭގައި ބޭރުގެ ސިފައިންނަށް ނުތިބެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، ގާނޫނު އަސާސީ އަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދެވެ.
އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހު ކުރުމަށެވެ. އެ އިސްލާހު ފާސް ކުރީ 78 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 13 މެމްބަރުން ވޯޓުދެއްވިއެވެ.
އެ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެ ކަމަށެވެ.
އެ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް އޭގައިވެއެވެ.
ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލް ހިމާޔަތް ކުރުމަށް އިސްކަން ދެއްވުމަކީ ރައީީސް ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

