ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހަށިވިއްކަމުންދިޔަ ފަސް ބިދޭސީންނާއި އެ މީހުންގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ދެ މީހަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާކަމަށެވެ.
އެގޮތުން ފަސް މައްސަލައަކާ ގުޅިގެން ބިދޭސީ ފަސް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރި ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު އެ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑު އަންހެނަކާއި ދެކުނު އެފްރިކާ އަންހެނަކާއި ޔުގަންޑާ އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނަކާއި ރަޝިޔާ އަންހެނެކެވެ. އަދި އެޖެންޓުންގެ ގޮތުގައި އުޅުނީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
އިމިގްރޭޝަނުން ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާކަމަށާއި، ބާކީ ތިބި ހަތަރު ބިދޭސީންވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވައިލަން މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން، މިހައިތަނަށް 5000 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލެވިފައެވެ.

