”ގެދޮރިވެރިޔާ“ ސްކީމްގެ ދަށުން އަޅަން ފެށި 4000 ފްލެޓުގެ މަޝްރޫއުގެ ދަށުން 22 މަސް ދުވަސްތެރޭގައި ކުރީ ސަރުކާރަށް ނިންމުނީ އެ މަޝްރޫއުގެ 38 އިންސައްތަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ސަރުކާރަށް އަހަރެއްވީއިރު، އެ މަޝްރޫއުގެ އިތުރު 47 އިންސައްތަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެވިފައިވާކަން ހަމްދާން ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮންޓްރެކްޓަރު ބޭނުންވާ ދުވެލީގައި މަސައްކަތް ކުރުމަށް ދޫކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 22 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ކުރިވަރަށް މި ސަރުކާރުން އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރި ކަމުގައެވެ.

“ މިދިޔަ ސަރުކާރުން 22 މަސް ދުވަސް ތެރޭގައި މި އެޅުނީ 216 ޝީޓު. އަޅުގަނޑުމެން، ޑރ.މުއިއްޒުގެ ސަރުކާރުން ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި ވާނީ، 231 ޝީޓު އަޅައި، މިދިޔަ ސަރުކާރުން 22 މަސް ދުވަހުން ނުކުރެވުނު މަސައްކަތް އަޅުގަނޑުމެން ކޮށްފަ.“ ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، އެފްޑީސީގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

އަދި އެ ކުންފުނީގެ ދުރު ރާސްތާގެ އަމާޒަކީ ތަފާތު ކުރުމެއް ނެތި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.