މާލޭގައި ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސްރީލަންކާގެ ދެ މީހަކު ޑީޕޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ އެ އިދާރާގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައި ފާސްކޮށް ލަންކާގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ (27 އަހަރު) އަދި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21 އަހަރު) ކިޔާ މީހެކެވެ.

ފުލުހުން ބުނީ މި މަހުގެ ފަސްވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 116 ފުޅިއާއި ފަސް ލީޓަރުގެ ހަ ފުޅި ފެނިފައިވާ ކަމަށެވެ.