ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިކަން ފާހަގަކުރެވިފައިވަނީ އެ އިދާރާ އަށް ހުށަހެޅެމުންދާ މައްސަލަތަކުން ކަމަށެވެ.
އެގޮތުން މި އައު އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެއެވެ.
އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވާ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދެއެވެ.
އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށެވެ.
މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބާ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

