ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ލައިވްއެއްގެ ތެރެއިން ގުރުއާނުގެ ކަލިމައެއް އުނިވި މައްސަލައިގައި މުވައްޒަފުންތަކެއް ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއް ފެށުމުގެ ގޮތުން ގުރުއާން ކިޔަވަމުން ދަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެން ކިޔަވަމުން ދިޔަ ސޫރަތުގެ ކަލިމައެއް ލައިވްއިން ވަނީ އުނިކުރެވިފައެވެ.
މިއީ ގަސްދުގައި ކުރި ކަމެއް ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިއެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޤުރުއާނުގެ ބައެއް އުނިވެފައިވާކަން އެނގުމާއެކު އެކަންތައް ހިނގަން މެދުވެރިވި ސަބަބު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިފައިވާނެ ކަމަށެވެ.

ޕީއެސްއެމުން ބުނީ އެ މައްސަލަ ބެލުމުގެ ތެރެއިން ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކުންފުނީގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވަނީ އެ ކޮންޓެންޓު އެޑިޓްކުރުމުގެ ސަބަބަކުން ނޫންކަމާއި، ކޮންޓެންޓު ލައިވްކުރަން ފަށާފައިވަނީ ޕީއެސްއެމް ނިއުސް ހަބަރު ކޮންޓްރޯލްރޫމުން ކަމަށެވެ.

އަދި އެއަށްފަހު ސިގްނަލް އެ ކުންފުނީގެ މައި ކޮންޓްރޯލް ރޫމަށް ބަދަލުކުރެވިފައިވާކަމަށެވެ.

އެއާ ކޮންޓްރޯލްރޫމުން އަނެއް ކޮންޓްރޯލްރޫމަށް ސިގްނަލް ބަދަލުކުރުމަކީ އާއްމުގޮތެއްގައި ކުރާކަމެއް ކަމުގައި ނަމަވެސް ސިގްނަލް ބަދަލުކުރާއިރު މީހަކު ވާހަކަ ދައްކަމުންދާ ވަގުތެއްގައި ސިގްނަލް ބަދަލެއް ނުކުރާ ކަމަށް ޕީއެސްއެމުން ބުންޏެވެ.

އަދި ސިގްނަލް ބަދަލުކުރީ ޤުރުއާން ކިޔަވަމުން ގެންދަނިކޮށް ކަމަށާއި މިއީ އާއްމުގޮތެއްގައި ކުރާކަމެއް ނޫންކަމަށް ވެސް ބަޔާނުގައިވެއެވެ.

”ކޮންޓްރޯލްރޫމުގައި އެވަގުތު ތިބި މުވައްޒަފުންގެ އިހުމާލުން ކުންފުނީގެ ފަރާތުން ދުރަށް ދެއްކި ކޮންޓެންޓެއްގައި ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެ މުވައްޒަފުން ވަނީ މާފަށް އެދިފައި.“ ޕީއެސްއެމުން ބުންޏެވެ.

 

ކޮންޓެންޓް ޓެކްނިކަލް މައްސަލައެއްގައި ޤުރުއާންގެ ބައެއް އުނިވެފައިވާތީ އެފަަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ޕީއެސްއެމުން ބުންޏެވެ.

އަދި ޤުރުއާނުގެ ބައެއް އުނިވެފައިވާތީ މައާފަށް އެދޭ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.