ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ޏ. ފުވައްމުލައް/ ރަނިކަ، އަލީ ޝަރީފް އިބްރާހީމް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އަލީ ޝަރީފްގެ ޖަނާޒާ، އިއްޔެ އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި ވަނީ ބާއްވައިފައެވެ. އިއްޔެ އޭނާ އަވަހާރަވީއިރު، އުމުރުފުޅަކީ 84 އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ޝަރީފަކީ 31 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި ހީވާގި، މުރާލި ބޭފުޅެއް ކަމަށެވެ.

މަރުހޫމް އަލީ ޝަރީފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވައި، އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލްމަރުހޫމް އަލީ ޝަރީފް އިބްރާހީމް (ޏ. އަލީ ޝަރީފް) އަކީ، ދިވެހި ބަހުގެ އަދީބެއް ކަމަށާއި، ޝަރުއީ އަދި ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ހިދުމަތްތެެރިއެއް ކަމަށެވެ.

އަދި އޭނާ އަކީ ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1981 ވަނަ އަހަރު ހާސިލުކުރެއްވި ކުޅަދާނަ ޝާއިރެއް ކަމަށް ވެސް ވިދާޅުވިއެވެ.