ކުރީ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ގޯތި ދީގެން އުޅޭ މައްސަލައިގައި މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ޝަރީފު ވިދާޅުވީ ސުވާލު އުފެދޭ ލިޔުންތަކާ ގުޅޭގޮތުން މިހާތަނަށް ހަ ފަރާތަކާ ސުވާލުކުރެވިފައިވާއިރު، ހުޅުމާލޭގެ ތިން ލޮޓެއްގައި މައްސަލަ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
”ފަޒުލްއަކަށް އަޅުގަނޑުމެން އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން. ޝަރީފު ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ.
ޝަރީފް ވިދާޅުވީ މި މައްސަލައިގައި ފަޒީލުއާ ސުވާލުކޮށްފައި ވާނެ ކަމަށެވެ.
ތަހުގީގުގައި ސުވާލުކުރެވުނު މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބިންވެރިޔާއަށް ކުރިމަތިލުމުން ޝަރުތު ހަމަނުވާކަމަށް ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށް، އެކަމުގެ ޝަކުވާ ކުރިކަމަށް ބުނެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި އެ ތަނުން އެކަކަށް ގޯތި ހަމަޖެހުނު ވާހަކަ އޭރުގެ ވެރިޔަކު ވަނީ އަންގައިފައެވެ.
ގޯތީގެ މައްސަލައިގައި ފުލުހުން ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަމުރުކުރައްވައިފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ ”ބިންވެރިޔާ“ އަދި “ގެދޮރުވެރިޔާ“ ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މިކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިކަމަކީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގުމަށްފަހު މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ އެކަން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމަށް ފުލުހުންނަށާއި އޭސީސީއަށް ޕީޖީ ވަނީ އަމުރުކުރައްވާފައެވެ.


ވަރަށް ސާފް
ފެށިގެން ދިޔައިރުވެސް އެނގޭ ނޯންނާނެކަން