ދިވެހީންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ބަދަހިކަން ދައްކާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ސުނާމީގެ ކާރިސާ ކުރިމަތިވިތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ރަށްރަށުގައި މިއަދު ވަނީ އެ ދުވަހުގެ ހަނދާންތައް އާކޮށް ސުކޫތެއް ގެނެސްފައެވެ.
ރައީސް އޮފީސް ކައިރީގައި ބޭއްވި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
2004 ޑިސެންބަރު ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ.
އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އެ ދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ.

