ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭގެ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ — ހުޅުމާލެ ގްރޭންޑް މިސްކިތް (ގުއްބު މިސްކިތް) ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީއާއި ގުޅިގެން ކުރަން ނިންމައިފިއެވެ.

ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް – ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަޚްރޫ އެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްޠާން ކުވާރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށްވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭ ގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.

މި އެއްބަސްވުމުގެ ދަށުން މަރާމާތުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ އުރީދޫ މޯލްޑިވްސް އިން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަން ކުރުމުގައި މިސްކިތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މަހެއްކަން ފާހަގަކުރައްވާފައެވެ.
އަދި މިސްކިތް އޭސީކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް،“ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ އުފަލެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.