މާބަނޑު އަންހެނަކު، ފަސް ދަރިންނާއެކު ބިކަވެފައިވާ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ”ފޭކް ޕޯސްޓެއް“ ދައުރު ކުރަމުން އެބަދެއެވެ.
ތަފާތު ނަންނަމުގައި ފޭކް ފޭސްބުކް އައިޑީ ހަދައިގެން، މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމަކީ މިހާރު ވަރަށް ބޮޑަށް އާއްމުވެފައިވާ މައްސަލައެކެވެ. މިފަދަ ޕޯސްޓުތައް ކުރަމުންދަނީ، ނޫހެއްގެ ސްކްރީންޝޮޓެއް ގޮތަށް ފެންނަ، ސްކްރީން ޝޮޓަކާއެކު، ނުވެސް ގުޅޭނެ ފޯނު ނަންބަރެއް ޖަހައިގެންނެވެ. އަދި މިފަދަ ޕޯސްޓުތައް ފޭސްބުކްގެ އެކި ގްރޫޕްތަކުގައި ޝެއާ ކުރަމުންދަނީ، އެއަށް ކޮމެންޓު ވެސް ކޮށްނުލެވޭނެ ގޮތަށެވެ.
މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދަމުންދަނީ، ގިނަ ފަހަރަށް އެކި ބަލިތައް ޖެހިފައިވާ ކަމަށް ބުނެ، ގޫގުލް އިން ހޯދާ ކުޑަކުދިންނާ ބޮޑެތި މީހުންގެ ފޮޓޯތައް ބޭނުންކޮށްގެންނެވެ.
މިފަހަރު މިއޮތީ، އެކަނިވެރި މައެއްގެ ނަމުގައި އެހީއަށް އެދިފައެވެ. މިއީ ވެސް ކޮމެންޓް ނުކުރެވޭ ގޮތަށް ކޮށްފައިވާ ސްކޭމް ޕޯސްޓެކެވެ. މި ޕޯސްޓުގައި ހާލުގައި ޖެހިފައިވާ ކަމަށް ބުނާ އަންހެން މީހާގެ ރަށެއް ވެސް ބަޔާންކޮށްފައިނުވާއިރު، އެމީހާގެ ވާހަކަ ގެނެސްދީފައި ވަނީ ވެސް ހަމަނުޖެހޭ އިބާރާތްތައް ބޭނުންކޮށްގެންނެވެ.

މިފަދަ ޕޯސްޓުތަކާމެދު ވަރަށް ބޮޑަށް ސަމާލުވާާން ޖެހެއެވެ. މަކަރުން ފައިސާ ހޯދަން އުޅޭ މިފަދަ ފަރާތްތަކަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން ވިސްނައިލާށެވެ. އެއީ ސައްހަ ޕޯސްޓެއްތޯ ޔަގީން ކުރާށެވެ.

