ދާ ކޮންމެ ރަށަކުން އަދި ކޮންމެ ތަނަކުންވެސް ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އޮތް ތާއީދާއި، ލޯބި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް މުހައްމަދު (އިބުޓީ) ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ދަތުރުފުޅު ފައްޓަވައިފައިވާއިރު، ރަށްރަށުގެ ރައްޔިތުން ދަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.
އިބުޓީ އެކްސްގައި ވިދާޅުވީ، ގިނަ ދިވެހިން މިއަދު ތިބީ ރައީސް މުއިއްޒު އިންތިހާބު ކުރެވުނީތީ އުފަލުން ކަމަށެވެ.
”އަދި ކުރިޔަށް އޮތް ކޮންމެ އިންތިހާބެއް ވެރިކަން ކުރާ ޕާޓީ އަށް ކާމިޔާބީ ހޯދައިދިނުމަށް ކެތް މަދުވެފައިކަން ޔަގީން.“ އޭނާ ވިދާޅުވިއެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ވިދާޅުވީ، ރައީީސް އަށް އޮތް ތާއީދު އިތުރުވަމުންދާ ކަމަށެވެ.
އިދިކޮޅުން ދައްކާ ވަހަކައަކާއި ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެންނެވުމުން، ރައްޔިތުން ނުހަނު ލޯތްބާއި ފޯރިއާއިއެކު ކިޔަމުންދާ މަރުހަބާއި ތަރުހީބާ ދިމާނުވާ ކަމަށެވެ.
”ރައީސްގެ ތާއީދު ދަނީ ގަދަވަމުން، ނިންމާ ނިންމުންތައް ރައްޔިތުން އެދަނީ ބަލައިގަންނަކަން ހާމަކުރަމުން!“ އޭނާ ވިދާޅުވިއެވެ.
ރައީީސް މުއިއްޒު ހއ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ ރ އަތޮޅުގެ 11 ރަށަކަށް ދާދި ފަހުން ވަޑައިގަންނަވައިފައެވެ.

