ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ އުއްމީދީ ގިނަ ކަންތައްތަކެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ.

އެގޮތުން، އެކި ރަށްތަކަށް އެންމެ ބޭނުން ޖެހިފައިވާ ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ކައުންސިލްތަކަށާއި ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ އެކި ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ހިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ މަންދޫބުން ވަނީ އިފުތިތާހުކޮށްދެއްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން، އަދި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށްޓަކައި، އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީއާއި، އެ ގޮތުން ރަށްރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ވާސިލުވެވޭނެގޮތް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާގޮތްކަމަށް ވާތީ، މި ދަތުރުފުޅުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކިއެކި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.