މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ”ފުދިއްޖެ، ފުނޑިއްޖެ“ މި ނަމުގައި އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު، މި އެއްވުމުގައި ބައިވެރި ނުވެއްޖެނަމަ، އެންމެންނަށް ވެސް ގެއްލުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީ އަށް މިހާރުގެ ސަރުކާރަށް އެއް އަހަރު ދެވިއްޖެ ކަމަށާއި، މިހާރު މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށެވެ.
މަގުތަކަށް ނުކުމެ، ނޭއްގާނީ ކަމެއް ކުރަން އިދިކޮޅުން ނޫޅޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
”އެމްޑީޕީ އަށް މިއީ، ހަމަ ސީދާ ވާޖިބެއް މިކަން ކުރުން.“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން އެއްވެސް ވަރަކަށް ވައުދު ވެސް ނުފުއްދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ވައުދުތައް ނުފުއްދޭނެ ކަމަށެވެ.
އެމްޑީޕީން މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެމްބަރުން ބައިވެރިވުމަށް އެ ޕާޓީން ގޮވާލާފައިވެއެވެ.

