ކުރީ ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން އެޅި 4000 ފްލެޓު ލިބުނު މީހުންގެ ލިސްޓު މި މަހު އާންމުކުރައްވާނެ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހު ފުލެޓުތައް ދޫކޮށް ވެސް ނިންމާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފުލެޓުތަކުގެ ލިސްޓާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ އެއްކޮށް، ލިސްޓުގެ ސައްހަކަން ކަށަވަރުކުރުން އޮތީ މި ސަރުކާރަށް ހައްލު ކުރަން ޖެހިފައިވާ، ބޮޑު ހައްސާސީ މައްސަލައެއް ގޮތުގައި ކަމަށެވެ.

”މާތް ﷲ އިރާދަފުޅާ އެކު، ލިސްޓުގެ ސައްޙަކަން ބެލުމަށް ކުރަމުންދާ މަސައްކަތް ނިމި، މި މަހުގެ ތެރޭގައި ލިސްޓު އާންމު ކުރެވިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސެޕްޓެމްބަރުގައި ފްލެޓުތައް ހައްގުވެރިންނަށް ދޫވެސްކޮށްލާނެ ކަމަށެވެ.

ރައީީސް ވަނީ ކ. ގުޅީފަޅުގައި އަލަށް 4،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް މި އަހަރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އަދި ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށް އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މި އަހަރު ފެށޭނެކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.