މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ރ.މީދޫގައި ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި އެ އޮފިސަރު އަމަލު ކުރިގޮތް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މީދޫގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުދިންތަކަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށެވެ.
އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް، ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހަދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުސް އޮފިސަރަށް ކިޔަމަން ނުވުމުން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުނު ކަމަށާއި އެގޮތަށް އެދުމުން ހަމަނުޖެހުން ހިންގައި އެތަނުން ކުއްޖަކު ފުލުސް އޮފިސަރަށް ހަމަލާދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
އަދި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުންޏެވެ.

