ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި މިފްކޯގެ އައިސްޕްލާންޓުތައް އަލުން މިފްކޯގެ ދަށަށް ގެނެސްފިއެވެ.
މިގޮތުން ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި 14 އައިސްޕްލާންޓު މިފްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުއެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ޑރ. ވައިޓަލީ ލިއުބިމޯވެއެވެ.
މިފްކޯއިން ހަވާލުވީ ހއ. އިހަވަންދޫގެ 50 ޓަނުގެ އައިސްޕްލާންޓާއި، ނ. ޅޮހީގެ 25 ޓަނުގެ އައިސްޕްލާންޓާއި، ރ. އަލިފުށީގެ 25 ޓަނުގެ އައިސްޕްލާންޓާއި، ބ.ތުޅާދޫގެ 25 ޓަނުގެ އައިސްޕްލާންޓާއި، ފ. ފީއަލީގެ 26 ޓަނުގެ އައިސްޕްލާންޓާއި، ފ. ނިލަންދޫގެ 25 ޓަނުގެ އައިސްޕްލާންޓާއި ތ. ހިރިލަންދޫގެ 25 ޓަނުގެ އައިސްޕްލާންޓާއި، ގއ. ދާންދޫގެ 25 ޓަނުގެ އައިސްޕްލާންޓާއި، ގއ. ދެއްވަދޫގެ 25 ޓަނުގެ އައިސްޕްލާންޓާއި، ގއ. ގެމަނަފުށީގެ 25 ޓަނުގެ އައިސްޕްލާންޓާއި، ގއ. ކޮލަމާފުށީގެ 25 ޓަނުގެ އިސްޕްލާންޓާއި، ގދ. ފަރެސްމާތޮޑާގެ 25 ޓަނުގެ އައިސްޕްލާންޓާއި، ގދ. ފިޔޯރީގެ 25 ޓަނުގެ އައިސްޕްލާންޓާއި ސ. ހިތަދޫގެ 25 ޓަނުގެ އައިސްޕްލާންޓާއެވެ.
މިފްކޯއިން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ ޕްލާންޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިއަރިން ޓީމްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއީ، މިފްކޯގެ ގާބިލްކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

