ހުޅުމާލޭގައި ހަދާފައިވާ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ބެހެއްޓުމުގެ ބަދަލުގައި އެ ތަންތަނުގައި މާގަސްތައް އިންދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ރައުންޑްއެބައުޓްސްތަކުގައި ބަހައްޓަން ނިންމި މޮނިއުމަންޓުތައް ޑިޒައިން ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ގައި އެޗްޑީސީން އިއުލާނު ކުރިއެވެ.
ނަމަވެސް، އިނާމަކަށް އެއްލައްކަ ރުފިޔާ ހުށަހެޅި އެ މުބާރާތުން އެއް ވަނަ ހޯދީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހެދި މޮނިއުމެންޓެއް ކަމަށް ތުހުމަތު ކުރެވުނެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ހެދުމަށް ނިންމި ނިންމުން އާންމުންގެ ފާޑުކިޔުމާ ހުރެ ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް ރައުންޑްއެބައުޓުގައި މިހާރު ގަސް އިންދާފައިވާއިރު، އެ ގަސް ރަނގަޅަށް ފޯދި، މާތައް އެޅުމުން އިތުރު ރީތި ކަމެއް ލިބޭނެ ކަމަށެވެ.
ހުޅުމާލެ ޒީނަތްތެރި ކުރުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

