އިތުރު ފަސް ކައުންސިލަކަށް ހަތް ފަޅުރަށް ހަވާލުކުރަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިތުރު ފަސް ކައުންސިލަކުން ހަތް ފަޅުރަށް ހޯދުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ހދ. އަތޮޅު ކައުންސިލުން ހދ.ފަރިދޫ، ރ. ދުވާފަރު ކައުންސިލުން ރ. އެނބޫދޫ، ފ. އަތޮޅު ކައުންސިލުން ރ. މަކުނުއެރި، ގދ. ދެއްވަދޫ ކައުންސިލުގެ ފަރާތުން ގދ. ވިލިގަލާ، ގދ. އަތޮޅު ކައުންސިލުގެ ފަރާތުން ގދ. މާނައިދޫ، ވާރެޔާދޫ އާ ލޮނުދޫ ހޯދަން ވަނީ ހުށަހަޅައިފައެވެ.
މިނިސްޓަރު ވިދާޅުވީ އެކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.
މިހާތަނަށް ފަސް ކައުންސިލަކަށް ވަނީ ފަޅުރަށްތައް ހަވާލުކޮށްފައިވެއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް، މާލީ މަންފާ ހޯދުމަށް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.

