ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމުއްޔަތުއްސަލަފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހިންގަމުންދާ މައްސަލަ ފެންމަތިވެއްޖެއެވެ.

ސަލަފުގެ ސެކްރެޓަރީ މުހައްމަދު ޝުޖާއު މިއަދު ވިދާޅުވީ މިކަން ފުރަތަމަ އެ ޖަމުއިއްޔާގެ ސަމާލުކަމަށް އައީ “ސަލަފު ރޯދަ ހަދިޔާ” އިވެންޓު ފެށުނު ހިސާބުން ކަމަށެވެ.

އޭރުވެސް މިކަން އެ ޖަމުއިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ޕޭޖްގައި ކޮމެންޓްކޮށް، ހަދިޔާ ލިބިފައިވާކަމަށް މީހުންނަށް ޓެގްކޮށް ހަދަމުންދަނީ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ފޯނުކޮށް، އެކަން ހިއްސާކުރަމުންދޭ,” އޭނާ ވިދާޅުވިއެވެ.

ސަލަފުން ބުނީ އެ ޖަމުއިއްޔާ އިން އެއްވެސް ފަރާތަކަށް ފްރެންޑު ރިކުއެސްޓެއް ނުފޮނުވާނެ ކަމަށެވެ. އަދި “ނަސީބުވެރިޔާ” ޓެގެއްވެސް ނުކުރާނެ ކަމަށެވެ.

މިފަދަ ކަންކަމަށް ސަމާލުވެ ތިބުމަށާއި، މިފަދަ ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށް ސަލަފުން ބުނެއެވެ.

ތަފާތު އެކި އުކުޅު ބޭނުންކޮށްގެން، މަކަރާ ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.