ފުލުހުންގެ މަރުކަޒުތައް އަށް ރަށެއްގައި އެޅުމަށް ތިން ކުންފުންޏަކާ ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އުތުރުގެ ހަ ރަށަކާއި ދެކުނުގެ ދެ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހަވާލުކުރެވުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުން ވެސް ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި ހިމެނެނީ ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުމާއި، ފުވައްމުލަކު ސިޓީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ޢިމާރާތް ކުރުމާއި، ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުމާއި، ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމާއި، ރ. ދުވާފަރުގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމާއި، ވ. ފެލިދޫގައި އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމާއި އަދި ބ. ދަރަވަންދޫގައި ޕޮލިސް ޕޯސްޓެއް އިމާރާތް ކުރުމެވެ.

