ފިރިހެނުން އަންހެނުންގެ ސިފަ ޖައްސައިގެން ހެދުން އަޅައި އުޅުމަކީ ދިވެހީން އެ ދީނަކަށް ތަބާވާ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމުގައި ވާއިރު، އަންހެން ހެދުން އަޅައިގެން ޓިކްޓޮކުގައި ވީޑިއޯ ހަދަމުންދާ މުހައްމަދު ނަބީލު (ޔާޔާ ނަބީލު) މިނިވަންކަމާއެކު އެފަދަ ވީޑިއޯތައް އަދިވެސް ދަނީ އާއްމު ކުރަމުންނެވެ.

މި މައްސަލައިގައި އޭނާ މީގެ ކުރިން ވެސް ހައްޔަރު ކުރިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އުމުރުން 39 އަހަރުގެ ނަބީލު ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް މިނިވަންވުމާއެކު، އަނެއްކާ ވެސް، އަންހެން ހެދުމުގައި ވީޑިއޯ އާއްމު ކުރަން ފަށައެވެ.

ފުލުހުން އޭރު ބުނީ، ނަބީލު ހައްޔަރުކުރީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ މައްސަލައިގައި ކަމަށެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ގައި ދޫކޮށްލިއިރު، މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމަށް ޕްރޮސެކިއުޓަތ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ނަބީލު އެންމެ ފުރަތަމަ ހައްޔަރުކުރީ ސެޕްޓެމްބަރު 2021 ގައެވެ.

އެ ފަހަރު، ބަންދުގެ މުއްދަތު ދެ ފަހަރަށް އިތުރު ކުރުމަށްފަހު އޮކްޓޯބަރު 2021 ގައި ކޯޓުން އޭނާ ދޫކޮށްލިއެވެ.

އޭނާ އެ ފަހަރު ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކުރުމަށްފަހުއެވެ.

ނަމަވެސް ޝަރުތާ ހިލާފުވުމުން، އޭނާ އަލުން ހައްޔަރުކޮށް، ވީޑިއޯއެއްގައި ބަރަހަނާވި މައްސަލައެއްގައި އެއް އަހަރަށް ޖަލަށް ލުމަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކޯޓުން ހުކުމްކުރިއެވެ.

އޭނާގެ މައްޗަށް އޭރު ދައުލަތުން އުފުލީ އޮރިޔާން ކާޑު ހެދުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މިހާރު ވެސް އޭނާ ގެންދަނީ ލޫސީގެ ނަމުގައި ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާއްމު ކުރަމުންނެވެ.

މި ވީޑިއޯތަކަށް ކޮމެންޓު ނުކުރެވޭ ގޮތް ހަދާފައި ވިޔަސް، ފުރާވަރު އުމުރުގެ ގިނަ ޒުވާނުން ބޭނުންކުރާ ޓިކްޓޮކް ފަދަ ޕްލެޓްފޯމެއްގައި މިފަދަ ވީޑިއޯތައް އާއްމު ކުރިޔަ ދީގެން ނުވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

 

ު