ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ފަތުރަމުންދަނީ ފޭކް ސްކްރީންޝޮޓްތަކެއް ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި މީސްމީޑިއާގައި ޔާސްމީނާ ގުޅުވައި ދޮގު ވާހަކަތައް ދަނީ ފަތުރަމުންނެވެ. އެގޮތުން ސްކްރީންޝޮޓްތަކެއް ދައުރު ކުރަމުން އަންނައިރު، އާޒިމާ ވިދާޅުވީ، ޔާސްމީނާއި ގުޅުވައި ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

އަދި ދޮގު މައުލޫމާތު ފަތުރައި އާންމުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އާޒިމާ ވަނީ ގޮވާލައްވާފައެވެ.

އެކަމަނާ މިގޮތަށް ވިދާޅުވިއިރު، އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާފައިވާ މައްސަލަ އާއިލާގެ ފަރާތުން މިހާރުވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.