ބައިނަލްއަގްވާމީ މާކެޓްގައި ރާއްޖޭގެ ސުކޫކުގެ އަގު އުފުލިއްޖެއެވެ.

މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު ބައިނަލްއަގްވާމީ މާކެޓްގައި ރާއްޖޭގެ ސުކޫކުގެ އަގު ހުރީ 64.72 އެމެރިކާ ޑޮލަރުގައެވެ.

ނަމަވެސް، މި މަހުގެ ހަތް ވަނަ ދުވަހު ބައިނަލްއަގްވާމީ މާކެޓްގައި ރާއްޖޭގެ ސުކޫކުގެ އަގު ވަނީ 87.44 ޑޮލަރަށް އުފުލިފައިވާ ކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދެއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ، ސުކޫކުގެ އަގު މައްޗަށް ދިޔުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ގައުމުގެ އިގުތިސޯދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ޕާޓްނާޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.