މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެންކަން އެނގިއްޖެއެވެ.

ރޭގެ ހާދިސާ ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން، ދުވެފައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގީ ރޭ 8:15 ހާއިރުއެވެ.

ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.

އެ ސައިކަލުގެ ފަހަތުގަައި އިން އުމުރުން 16 އަހަރުގެ ކުއްޖާ އަށް ވެސް ސީރިއަސް އަނިޔާ ލިބުނެވެ. އަދި ކަފިހިހުރަހުން ހުރަސްކުރި މީހާއަށް ވެސް ވަނީ ސީރިއަސް އަނިޔާތައް ލިބިފައެވެ.

އޭނާގެ ސިކުނޑިއަށް ލޭ ވެސް އެޅިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، އެކްސިޑެންޓުވި ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައެވެ.

ފުލުހުން ބުނެފައި ވަނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.