ބަންކަރިންގެ ހިދުމަތުން މިހާތަނަށް 157 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19ގައެވެ.
މިދިޔަ އަހަރު ބަންކަރިންގެ ހިދުމަތް ފެށުމަށްފަހު ޑިސެމްބަރު މަހުގެ ނިޔަލަށް 44.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މި އަހަރު، މިދިޔަ މަހުގެ ނިޔަލަށް، އެ ހިދުމަތުން 112.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފެބްރުއަރީ، މާޗު އަދި އޭޕްރީލް މަހުގައެވެ.
މި ތިން މަހުވެސް 20 މިލިއަނަށްވުރެ އާމްދަނީ އިތުރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށުމަކީ މި ގައުމުގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ މަޝްރޫއު ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށިކ އެސްޓީއޯ އާއި ވިޓޯލް ގްރޫޕް ގުޅިގެންނެވެ.
ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ.

