އިޒްރޭލުގެ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދަން އެ ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވަނީ، ބައިނަލްއަގުވާމީ މުޖުތަމައުއަށް އިޒްރޭލުގެ އެ ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވައިލައިފައެވެ.
އަދި ޔަހޫދީން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ރާއްޖެއިން ގޮވާލިއެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމު ކުރެވިގެން ކަމަށެވެ.

